މި ސަރުކާރުގައި ޒީރޯ ޓޮލަރަންސް، އޭގެ ހަގީގީ މާނައިގައި، ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދިން ކަމަށް ބުނެ މިހާރު ފެންމަތިވެފައިމިވާ މައްސަލައާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގައި އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
”އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން“ ވަރަށް ސާފު އިބާރާތުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެއްވެސް ވަރަކަށް ކޮރަޕްޝަން ޓޮލަރޭޓް ނުކުރައްވާނެ ކަމަށާއި ”ޒީރޯ ޓޮލަރެންސް“ އޭގެ ހަގީގީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމަށެވެ.



