ބިންވެރިޔާ ސްކީމާ ގުޅޭގޮތުން މައްސަލަ ޖެހިގެން އުޅޭ ލިޔުންތައް ދޫކޮށްފައިވަނީ ކުރީ ސަރުކާރުން ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ އިއްޔެ ފަށައިފައެވެ.
މިކަމާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް މީހުން ސައްހަ ނޫން ލިޔެކިޔުންތައް ހޯދައިގެން ގޯތި ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން ތިން ސްލޮޓެއް ހޯދުމަށް ހުށައަޅާފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.
އެގޮތުން ބައެއް ލޮޓްތަކަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތް ހުށައަޅާފައިވާކަމަށާއި، އަދި އެކަމާއި ގުޅިގެން އެއީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ލިޔުންތަކަކީ ބިންވެރިޔާގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކެއްކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ހާމަވީ މައްސަލަ އުފެދިގެން އުޅޭ ލިޔެކިޔުންތައް ދޫކޮށްފައިވަނީ ކުރީ ސަރުކާރުގައި ކަމަށެވެ.
”އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަވީ އަދި ސުވާލުކުރެވުނު ފަރާތްތަކުން ދީފައިވާ މައުލޫމާތުންވެސް ހާމަވީ މިފަރާތްތަކަށް ލިބިފައި ހުރި ޑޮކިއުމެންޓްތަކަކީ ކުރީ ދައުރުގައި އެ ބޭފުޅުންނަށް ލިބިފައި ހުރި ޑޮކިއުމެންޓްތަކެއްކަމަށް“ ޝަރީފް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި މިމަހުގެ 18 ވަނަ ދުވަހު އާންމުވި ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު ކަމަށް ބުނާ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންކަމުން އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް ހައުސިން މިނިސްޓްރީއަށް އެޗްޑީސީގެ ނަމުގައި ފޮނުވާފައިވާ ސިޓީއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މި މައްސަލައާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަހުގީގު ނިމި އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފު ފިޔަވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުންފުނީގެ އެމްޑީ ފަޒުލް ވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީ އިން އެކުންފުނީގެ މީޑިއާ ގްރޫޕުގައި ބުނެފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިޔަށް ގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަޔަށް އެހީތެރިވުމުގެ ގޮތުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް އިއްޔެއިން ފެށިގެން ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި މިއީ އެކުންފުނީގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.



