ޣައްޒާގައި ތިބި ފަލަސްތީނުންނަށް ގަސްތުގައި ފެން ފޯރުކޮށް ނުދީ ”ނަސްލު ނައްތާލުމުގެ ޢަމަލުތައް“ އިޒްރޭލުން ހިންގަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ނެރެފައިވާ 179 ޞަފްޙާގެ ރިޕޯޓެއްގައި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، އިސްރާއީލުން ވަނީ ޣައްޒާގައި ދިރިއުޅުމަށް ބޭނުންވާ މިންވަރަށް ފެން ލިބުމަށް ފަލަސްތީނުންނަށް ގަސްތުގައި ހުރަސްއަޅާފައެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ވަސީލަތްތަކަށް ގަސްތުގައި ގެއްލުން ދިނުން ހިމެނޭ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
އެޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޓިރާނާ ހަސަން ވިދާޅުވެފައިވަނީ މިއީ ގަސްތުގައި މަޙްރޫމުކުރުމުގެ ސިޔާސަތެއް ކަމަށާއި، މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ބަލިމަޑުކަމުގައި އެތަށް ހާސް މީހުން މަރުވެފައިވާ ކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ދެކޮޅު ކުށެއް ކަމަށާއި، ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމަށެވެ.
ނަމަވެސް އިސްރާއީލުން ވަނީ މި ރިޕޯޓު ދޮގުކޮށް، އެއީ ”ޕްރޮޕެގަންޑާ“ އެއް ކަމަށް ބުނެފައެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޗްއާރްޑަބްލިއުއިން ”އަނެއްކާވެސް ދޮގުތައް ފަތުރަމުންދާ“ ކަމަށާއި ”ޙަޤީޤަތަކީ އެޗްއާރްޑަބްލިއުގެ ދޮގުތަކާ މުޅިން ޚިލާފު“ އެއްޗެއް ކަމަށެވެ.
މި ރިޕޯޓު އެކުލަވާލާފައިވަނީ ޣައްޒާގެ ފެނާބެހޭ އޮތޯރިޓީގެ އޮފިޝަލުންނާއި، ނަރުދަމާގެ މާހިރުންނާއި، ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފަލަސްތީނުންނާ ކުރި އިންޓަވިއުތަކަށާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ނެގި ސެޓެލައިޓް މަންޒަރުތަކާއި މަޢުލޫމާތުތަކަށް ބިނާކޮށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވެއެވެ.



