މާލޭގެ މަގެއްގައި ސައިކަލުގައި ދަތުރުކުރަމުންދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާ ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ސައިކަލެއް ދުއްވާފައި އައި ފިރިހެނަކު، އެހެން ސައިކަލެއްގައި ދަތުރުކުރަމުންދިޔަ އަންހެނެއްގެ ސައިކަލާއި އަރާ ހަމަކޮށް ކަރުގައި އޮތް ފަށެއް އަތުލައިގަންނަ މަންޒަރު ފެނިގެންދެއެވެ.
އޭނާ އެ އަންހެން މީހާގެ ދަބަހަށް އަތްލާން މަސައްކަތްކުރާ ތަނުން އަންހެން މީހާ އޭނާގެ ސައިކަލު ދޫކޮށްލާފައި ދުވެ އެމަގުގެ ގޯޅިއަކަށް ވަންނަން ފެށުމުން ފޭރޭން އުޅުނު މީހާ އޭނާގެ އަމިއްލަ ސައިކަލަށް އަރައި ފިލައިގެން ދިޔަ މަންޒަރު ފެނިގެންދިޔަ އެވެ
މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އެހެން މީހުންވެސް ތިބިކަން ފާހަގަކުރެވެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޝިފާން ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅުންހުރި ފަރާތެއް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މީހާ ބޭނުންކުރި ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



