ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ފަރާތްތަކަކަށް ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު މީޑިއާގައި ހިއްސާ ކުރި މެސެޖެއްގައި ބުނީ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ބިންވެރިޔާ ހައުސިން ސްކީމް އާއި ގުޅުން ހުރި މައްސަލަ އާއި ގުޅިގެން ޖުމްލަ 20 މީހެއް ފުރުން މަނާ ކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.
އެމީހުންގެ ތެރޭގައި އިބްރާޙިމް އިބްރާޙީމް ފަޒުލް ރަޝީދު އާއި މުޙައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައިވާއިރު، އޭނާއަށް ލިބުނު ކަމަށް ބުނާ ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ފަޒުލް އާއި ފަޒީލްގެ އިތުރުން އެޗްޑީސީ އާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ އިސްވެރިންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ފުލުހުން ނޫސްވެރިންނާއި ބައްދަލުކޮށް ރޭ ބުނެފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ފަރާތްތަކަކަށް ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައިގައި، ފަޒުލްގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށެވެ.




