މި މަހުގެ 12 ވީ ބުރާސްފަތި ދުވަހު ހެނދުނު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމަކާއިއެކު ހަރަކާތްތެރިވާން ފަށައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މީޑިއާ އާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ވަނީ މި ހާދިސާއާ ގުޅޭގޮތުން ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑިއުޓީ ނަންބަރަށް 9911099 އަށް ގުޅައި ހިއްސާކުރުމަށް މީގެ ކުރިން އެދިފައެވެ.
އެދުވަހު ހެނދުނު 7:00 ހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި ހައުސިންގް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހިންގާ މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއްގައި ވެސް ވަނީ ރޯވެ އެތައް ގެއްލުންތަކެއް ވެފައެވެ.
އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފްގެ އިތުރުން، އެމްއޭސީއެލް، އަދި އެމްޑަބްލިޔުއެސްސީން ވެސް ހަރަކާތްތެރިވެފައިވެއެވެ. އަދި ފުލުހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލު ކުރެވިފައިވަނީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 12 ގަޑިއަރަށްވުރެ ވެސް ގިނައިރުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.




