މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ 2024 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ވަނީ ކާމިޔާބުކަމާއެކު ބާއްވައި ނިންމާލާފައެވެ.
ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވުނު މިހަފްލާގައި، ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކުރެވުނެވެ.
މިހަފްލާގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތް އެމް.ޑަބްލިޔު.އެސް.ސީގެ ޗެއާރޕަރސަން ޝަމްހޫޒާ އަޙްމަދާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުން، މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އަދި ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރުން ވަނީ މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވާފައެވެ.
2024 ވަނަ އަހަރުގެ ތަފާތު 12 ކެޓަގަރީއަކުން ޖުމްލަ 36 މުވައްޒަފަކު ވަނީ އެވޯޑް ހާސިލުކޮށްފައެވެ. މީގެ އިތުރުން، ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ 83 މުވައްޒަފަކަށް ރިކޮގްނިޝަން އެވޯޑް ދެވުނެވެ.
މިހަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވޯޑު ކަމުގައިވާ ”ޗެއާރމަންސް އެވޯޑް ފޯރ އެކްސެލެންސް“ ވަނީ ކުންފުނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިންފޮމޭޝަން ސިސްޓަމްސް އާސިފް މުޙައްމަދަށް ދެވިފައެވެ. މިއެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކޮށްފައިވާ ފަރާތަކަށް ދެވޭ އެވޯޑެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މިހަފްލާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމުގައެވެ.
އަބްދުލް މަތީން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރު ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން، އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޯލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުޞަތުތައް ފަހިކޮށްދީފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ޞިއްޙަތު އަދި ވަޒީފާގެ މާޙައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމް.ޑީ އަބްދުލް މަތީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތެއްގެ ދިރިހުރުމާ ގުޅިފައިވާ އަސާސީ ޚިދުމަތަކަށްވުމުން، ކުންފުނިން ފޯރުކޮށްދޭ މި ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ޒަމާނީ އައު ޓެކްނޮލޮޖީއާއި ވަސީލަތްތައް އިތުރުކޮށް، ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.
މީގެއިތުރުން، ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމިފައިވާއިރު، އިތުރު މަޝްރޫޢުތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިޔަށްދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހަފްލާއަކީ އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް، ކުންފުނީގެ ކުރިމަގަށް އުއްމީދީ ނަޒަރަކުން ބެލުމުގެ ފުރުޞަތު ލިބިގެންދިޔަ ހަފްލާއެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ.



