ހައުސިން މިނިސްޓްރީގެ ކުރީގެ އިސް މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފްގެ އިތުރުން، ކުރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމާއި ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދުގެ އެވެ.
މި ފަރާތްތަކުގެ ދަތުރުފަތުރު ހުއްޓުވާލެވިފައިވަނީ ”ބިންވެރިޔާ ސްކީމް“ ގެ ނަމުގައި ހިންގުނު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އުސޫލުތަކާ ޚިލާފަށް ބިންތަކެއް ދޫކޮށްފައިވާކަމުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.
މި މައްސަލައާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑު މެންބަރުން ވަޒީފާއިން ވަގުތީގޮތުން ދުރުކޮށްފައިވާއިރު ފަޒުލް ހިމެނޭގޮތަށް 20 އެއްހާ ފަރާތެއްގެ ޕާސްޕޯޓު މިވަގުތު ހިފެހެއްޓިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށްފައިވާއިރު، ތިން ބިމެއް ނުބައި މައުލޫމާތު ހުށަހަޅައިގެން ހޯދަން ވަނީ މަސައްކަތް ކޮށްފައެވެ. އަދި ބިންތަކަށް ހުށަހެޅި ފަރާތްތަކަކީ ސްކީމުގެ ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ތަހުގީގުގައި ބަޔާންދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ ލިޔުންތައް ލިބިފައިވަނީ ކުރީގެ ސަރުކާރުގެ ދައުރުގައި ކަމަށެވެ. އަދި މިކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުން، އޭރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމަށްފަހު ކަމަށްވެސް ބުނެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.




