އިއްޔެ މާލޭގެ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގަ އޮތް ފަށް ފޭރެން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާ ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލާއިގައި ހައްޔަރުކޮށްފައި ވަނީ ވ. ފިޔަބަރި، މާލެ އެޑްރެހުގައި ދިރިއުޅޭ 30 އަހަރުގެ ހަސަން އިސާމެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ މިހާދިސާ ހިނގާފައިވާއިރު، ފުލުހުން ވަނީ އިއްޔެ ހަވީރު 17:20 ގައި އޭނާ ހައްޔަރުކޮށްފައެވެ. އަދި މި ހާދިސާގައި ބޭނުންކުރެވުނު ކަމަށް ޝައްކުކުރެވޭ ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ މިހާދިސާގެ ވީޑިއޯގައި ސައިކަލެއްގައި ދުއްވަމުން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތުމަށް މަސައްކަތްކުރި މީހަކު ފެނިގެންދެއެވެ. އެ މަސައްކަތް ކާމިޔާބު ނުވުމުން، އޭނާ އަންހެން މީހާގެ އަތް ދަބަސް ފޭރިގަންނަން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެކަން ވެސް ކާމިޔާބު ނުވުމުން ސައިކަލަށް އަރައި ފިލާތަން ފެނެއެވެ.



