ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރިވިސަސްގެ ސިފައިން ފަށައިފިއެވެ.
މާލޭގެ ބޮޑު ސަރަހައްދެއްގައި މިހާރު ފެންބޮޑުވެފައިވާއިރު، އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކޮށް ފެންބޮޑުވެފައިވަނީ މާފަންނާއި ހެންވޭރުގައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ސިފައިން މިވަގުތު ވެސް ދަނީ ކުރަމުންނެވެ.
މި ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދު، އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދާއި ދިރާގު ސަރަހައްދުގެ އިތުރުން މާފަނުގައި ހުންނަ ޖެލީ ޕިއްޒާ ސަރަހައްދު ހިމެނެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މައުލޫމާތު ދީފައިވާ ގޮތުގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި މާލެއަށް 136.5 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށާއި އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މިދިޔަ ބުދަ ދުވަހު އިންޒާރު ދެއްވާފައެވެ.




