ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 އިން 14 އަށް މަޖިލިސް ރައީސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ހާމަކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރިޓާ އެވެ.
އެގޮތުން ޕަބިތުރާ ވިދާޅުވީ އަވަށްޓެރި ޤައުމަކަށްވީތީ ގުޅުން ބަދަހިކުރުމަށް ލޮކްސަބާގެ ސްޕީކާ އޯމް ބްރިލާގެ ދައުވަތަކަށް މަޖިލީހުގެ ވަފުދަކާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިދަތުރުފުޅާ ގުޅޭގޮތުން އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
މަޖިލިސް ރައީސް އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ރައްޔިތުންގެ މަޖިލިހުން ވަނީ ”ސައުވީސް“ އަށް ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން މަޖިލިސްގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޑިއާގެ ލޯކްސަބާއާއި ރާޖްސަބާ ހައުސްގެ ދައުވަތަކަށް މަޖިލިސް ރައީސް އެޤައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ މަޖިލިސް ރައީސްކަމާ ޢަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވިފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައްޔިތުންގެ މަޖިލީހާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އަބަދުވެސް ވަރަށް ގާތްގުޅުމެއް ބާއްވަ އެވެ. އެގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަށް މަޖިލީސް މެންބަރުން މީގެ ކުރިންވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައެވެ.


