އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިނަރެސް ފްލެޓު ހޯދި ގޮތާމެދު ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރަޖުނީއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ވިނަރެސް ފްލެޓު ލިބުނު މީހުންގެ ލިސްޓު ކަމަށް ބެލެވޭ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ނުހައްގުން ބަޔަކަށް ގޯތި ދިން ކަމަށާއި، ޑޮކިއުމެންޓް ފޯޖްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުގައި ހިމެނޭ ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދެ އެވެ. އެ ޕޯސްޓްތަކުގައި ބުނާގޮތުން ރަޖުނީއާއި އޭނާގެ އަންހެނުންނަށް ފްލެޓް ލިބުނީ، ވިނަރެސް ފްލެޓްތަކުންނެވެ. އަދި އެމީހުން ވިނަރެސް ފްލެޓް ހޯދާފައިވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އެހެންކަމުން ބައެއް ނޫސްވެރިން ވަނީ އެ ސުވާލު މިއަދު ފުލުހުންނާ ކޮށްފައެވެ.
މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ފުލުހަކަށް ވިޔަސް ގާނޫނު ހިނގާނެ ކަމަށާއި، ފުލުހަކަށް ނުހައްގުން ފްލެޓް ލިބިފައި އޮތަސް އެކަން ބަލާނެ ކަމަށެވެ.
ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓެއް ލިބުންކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.



