ސްޕޯޓްސް ފިޝިންއަށް ޙާއްޞަ ބަނދަތުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތް ”ބުރުނު ބޮމަ“ އިފްތިތާހުކޮށްދެއްވާ ދެއްކެވިވާހަކަފަޅުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ސްޕޯޓްސް ފިޝިންއަށް އޮންނަ ތަރުހީބު އިތުރުވަމުންދާއިރު، މިދާއިރާ އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މި ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވިދާޅުވީ ސަރުކާރުން މިދާއިރާ ފުޅާކޮށް ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމެވެ.
”ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގައި މި ގްރޯވަމުން އަންނަ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށް ހައްލުތަކެއް ދިނުމުގެ އިތުރުން، މި ބަނދަރުތަކަކީ ރާއްޖެއިން ބޭރުން ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވެގެން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިހުރި ބަނދަރުތަކަކަށް ހެދުން“ ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.
”ބުރުނު ބޮމަ“ އަކީ މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއިގެ މުވައްޒަފުންގެ ކްލަބު، ވިޒިޓް މޯލްޑިވްސް ކްލަބް، ވީއެމްސީ އިން އަންނަ އޭޕްރީލް އަދި މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން މުބާރާތެކެވެ.



