މުނިފޫހިފިލުވުމަށް އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ކުޑަ ސްކްރީނު ކަމުގައިވާ ޓިކްޓޮކްއިން ވިދާލި މަރިޔަމް ސަމާ ބުރުގާ އަޅައިފިއެވެ.
ބުރުގާ އަޅައިގެން ހުރެ މިއަދު ކުރި ލައިވްއެއްގައި ބުރުގާ އެޅިކަން ޔަގީންކޮށްދެމުން ސަމާ ބުނީ އޭނާ އަމިއްލައަށް މިހާރު އޭނާ މާރީތިކަން އިހުސާސް ކުރެވޭ ކަމަށާއި ދެން ބުރުގާ ނުބާލާނެ ކަމަށެވެ.
ސަމާގެ ވާހަކަތަކުން އެނގުން ގޮތުގައި އޭނާވަނީ ކުރިންވެސް ބުރުގާ އަޅާފައެވެ. ނަމަވެސް ފަހުން ބުރުގާ ބޭލީ ކޮންސަބަބަކާހެދި ކަމެއް އެނގިފައެއް ނުވެއެވެ.
”މިފަހަރު ހަމަޔަގީނުންވެސް މި އެޅީ. ދެން އިން ޝާ ﷲ ދުވަހަކުވެސް ބުރުގާ ނުބާލާނަން“ ސަމާ މިއަދު ލައިވްގައި ބުނެފައިވެއެވެ.
ބުރުގާ އެޅުމުން އޭނާގެ ދަރިންނަށް ވެސް އޭނާ ވަރަށް ރީތިކަމަށް ސަމާ މިއަދު ބުންޏެވެ. އޭގެ އިތުރުން ސަމާ ބުރުގާ އެޅީތީ އޭނާގެ ލައިވްގައި މިއަދު ބައިވެރިވީ ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ.
”އެންމެންވެސް ދުޢާ ކޮށްދޭތި. ހިދާޔަތް ދެއްވާތޯ“ ހިނިގަނޑެއް ޖަހާލުމާއެކު ސަމާ ބުންޏެވެ.
ސަމާއަކީ ބައެއް ފަހަރު މީހުންނާ ޓިކްޓޮކްގައި ދެބަސްވެ، ވަރަށް ގިނައިން ޒުވާނުކުރާ މީހެއްގެ ގޮތުގައި ބައެއް މީހުން ފާހަގަ ކޮށްފައިވާ ފަރާތަކަށްވީ ކަމުގައިވިޔަސް، އޭނާއަކީ ޓިކްޓޮކް މެދުވެރިކޮށް އެތައް ނިކަމެތިންނަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ފަރާތެކެވެ.
އެގޮތުން އޭނާ އަކީ ”ހިތުން ހިތަށް“ ނަމުގައި ޖަމިއްޔާއެއް ހިންގަމުންދާ ފަރާތެކެވެ. އެ ޖަމިއްޔާ މެދުވެރިކޮށް ބޭސްފަރުވާއަށާއި އެހެނިހެން ޒަރޫރީ ކަންކަމަށް އެހީ ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އޭނާ ގެންދެއެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ސަމާ ވަނީ އެޖަމިއްޔާ މެދުވެރިކޮށް 13 އާއިލާއަކަށް އެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދައިދީފައެވެ.



