ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ބިދޭސީ 07 އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީތިބި ހަ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔާފަރި ކުރަމުންދިޔަ މައްސަލައެއްގައި އިމިގްރޭޝަނުން މިފަހަރު ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިއެޓްނާމުގެ ހަ އަންހެނަކާއި، ޔޫގަންޑާ އަންހެނަކާއި އަދި ބަންގްލަދޭޝްގެ ދެ ފިރިހެނެކެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ގިނަ ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންގެ ޤައުމަށް ޑީޕޯޓު ކޮށްލާފައެވެ.




