އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިނަރެސް ފްލެޓު ހޯދި ގޮތާމެދު ތަހުގީގު ކުރަމުންދާތީ، މިހާރު ފެންމަތިވެފައިވާ ބިންވެރިޔާ ސްކީމް މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުން އޭނާ އެކަހެރިކޮށްފިއެވެ.
ނުހައްގުން ބަޔަކަށް ގޯތި ދިން ކަމަށާއި، ޑޮކިއުމެންޓް ފޯޖްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުގައި ހިމެނޭ ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވަމުން އެބަދެއެވެ. އެ ޕޯސްޓްތަކުގައި ބުނާގޮތުން ރަޖުނީއާއި އޭނާގެ އަންހެނުންނަށް ފްލެޓް ލިބުނީ، ވިނަރެސް ފްލެޓްތަކުންނެވެ. އަދި އެމީހުން ވިނަރެސް ފްލެޓް ހޯދާފައިވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރަޖުނީއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ޝިފާން މިރޭ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ.
“ މިކަމަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެއް“ ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ނަމަވެސް މި ނިންމުމަކީ އެސްޕީ ރަޖުނީއާ ގުޅޭގޮތުން ފުލުހުން ޔަގީންކުރަމުންދާ ކަންކަމުގައި، އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމުގައިވެސް ޝިފާން ވިދާޅުވެފައިވެއެވެ.




