ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ފަޒުލް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއާއި އޭނާގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދާ މެދު ތުހުމަތުކުރެވޭ ބިންވެރިޔާ ސްކީމްގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެޑްރެސް ކުރައްވާ ފަޒުލް މިރޭ ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމުގައި އޭނާ ހުންނެވިއިރު، އޭނާއަށް ކޮށްފައިވާ އަދި މިހާރުވެސް އެކި ޕްލެޓްފޯމުތަކުގައި ކުރަމުންގެންދާ ހުރިހާ ތުހުމަތުތަކަކަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ.
”އަޅުގަނޑު އައްޔަނު ކުރެވުނުފަހުން، ކުންފުނީގެ ފަރާތުން މިހާތަނަށް ކޮށްފައިވާ އެންމެހާ މުޢާމަލާތުތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުޢާމަލާތުތަކެއް. ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމުގައި ދަންނަވަން. އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަޤީޤަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުން. އަދި މިކަމުގެ ސަބަބުން ކުންފުންޏާ ސަރުކާރުގެ ސިޔާސަތު ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެން“ ރައީސަށް ފޮނުއްވި ސިޓީގައި ފަޒުލް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްގެންދާ ތަހުޤީޤަށް ފުރުސަތު ދިނުމަށާއި، އެޗްޑީސީއާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާދެއްވާ ކަމުގައި ފަޒުލް ވިދާޅުވެފައިވެއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށާފައެވެ.



