ބިޑު އުސޫލާ ހިލާފަށް ހުޅުމާލޭން ބިން ވިއްކި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.
އެ ކުންފުނިން މިކަމާ ގުޅޭގޮތުން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިރުއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކާފައިވަނީ އާންމުކޮށް އިއުލާނު ކުރުމާއެކު، ހުޅުވާލާފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި އެއަށްފަހު އީއޯއައި ހުށަހެޅި ފަރާތްތަކަށް ބިޑު ކުރުމަށް ހުޅުވާލެވޭނެ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ. އަދި ބިންގަތުމުގެ ފުރުސަތު ދީފައިވާނީ ބިޑު ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމުގައި ވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަށްވުރެ ދަށް ނޫން އަގެއްގައި ކަމަށާއި ބޭސް ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެޗްޑީސީގެ ބޯޑް އޮފް ޑައިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓުތަކެއް ކަމުގައި ވެސް ބުނެފައިވެއެވެ.
ބިޑް އުސޫލުގެ ދަށުން އެޗްޑީސީން ހުޅުމާލެއިން ވިއްކި ތިން ބިމެއްގެ ތަފްސީލު ވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެޗްޑީސީން އެދިފައިވަނީ އާންމުކޮށް އިއުލާނުކޮށްގެން އެ ކޯޕަރޭޝަނުން ވިއްކާފައިވާ ހަގީގަތާ ޚިލާފު މައުލުމާތު ނުފެތުރުމަށެވެ.




