ބިންވެރިޔާ ސްކީމް މައްސަލައިގެ ތަހުގީގަށް ބޭނުން ކުރެވިދާނެ މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެއެވެ.
އެގޮތުން ފުލުހުން ރޭގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ ފުލުހުންނާއި ހިއްސާ ކުރުމަށެވެ.
އެގޮތުން އެފަދަ ހެއްކެއް ނުވަތަ ލިޔުމެއްވާނަމަ ފުލުހުންގެ https://evidence.police.gov.mv ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.
”މައުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެ“ ފުލުހުން ވިދާޅުވެފައިވެއެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުތައް ސިއްރުކުރާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދެއްވާފައެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިމަހުގެ 19 ވަނަ ދުވަހު ފައްޓަވާފައެވެ.



