ކުރީ ސަރުކާރުން ދިން ބަދަލުތަކުގެ މައްސަލާގައި ޖިނާއީ އަވަސް ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
”އެ ރިޕޯޓުގައިވާ ކަންކަމަށް މި އޮފީހުން ރިޢާޔަތްކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެ“ ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށާއި، ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އޭސީސީގައި ދަންނަވާފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.




