ހައުސިންގް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމަށް މުޙައްމަދު މައުރޫފް ޖަމީލު މިއަދު އައްޔަނުކޮށްފިއެވެ.
މައުރޫފް އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމަށް އައްޔަނުކޮށްފައިވާކަން ސަރުކާރުގެ ކުންފުނިތައް ބަލަހައްޓަމުންގެންދާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިއަދު ”އެކްސް“ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރި މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.
މައުރޫފް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ އެމަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން ރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަޒުލް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއާއި އޭނާގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދާ މެދު ތުހުމަތުކުރެވޭ ބިންވެރިޔާ ސްކީމްގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެޑްރެސް ކުރައްވާ ފަޒުލް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމުގައި އޭނާ ހުންނެވިއިރު، އޭނާއަށް ކޮށްފައިވާ އަދި މިހާރުވެސް އެކި ޕްލެޓްފޯމުތަކުގައި ކުރަމުންގެންދާ ހުރިހާ ތުހުމަތުތަކަކަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ.




