މި ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރާނަމަ ފިޔަވަޅު އަަޅާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިއަދު އޮފީހުން ނުކުތް ވަގުތު، އެސަރަހައްދުން ބައެއް ނޫސްވެރިން ވަނީ އެމަނިކުފާނާ ބައްދަލު ކުރައްވާ ބިންވެރިޔާ ސްކީމް މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު ނާޅައި ދޫކޮށްލިޔަސް މި ސަރުކާރުން އެގޮތަށް ކަންތައްތައް ނުކުރާނެ ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރާނަމަ، ފިޔަވަޅު އަަޅާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
”އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަންކުރާކަށް ނޫން، ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު، އޭނާގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގު ލިޔުންތަކެއްގެ ތެރެއިން ހުޅުމާލެއިން ބިމެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ޚިޔާނާތްތާއި ވައްކަމުގެ ގިނަ ތުހުމަތުތަކެއްގެ ތަފްސީލު ހިމަނުއްވާ އެޗްޑީސީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މީގެ ފަސް މަސް ކުރިން ފޮނުއްވި ކަމަށް ބުނާ ސިޓީ، އެމަނިކުފާނަށް ލިބިފައި ނުވާ ކަމަށް ވެސް ރައީސް މުޢިއްޒު މިއަދު ވިދާޅުވިއެވެ.
”އަޅުގަނޑަށް ތިޔަ ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް. ނުލިބޭ. އަޅުގަނޑަށް ލިބުނު ނަމަ އަޅުގަނޑު ޔަގީނުން ވެސް އަމަލު ކުރާނަން. ނޫނީ އެ ބަލާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮރަޕްޝަނުގެ އަމަލެއް ނޫނީ ގަވައިދާ ހިލާފަށް ކުރާ އަމަލެއް ހުއްޓުވުމުގައި ފަހަތަށް ނުޖެހޭނަން. މިއަދާ ހަމައަށް ވެސް ހުންނާނީ އެެކި ތަންތަނުގައި ނޫނީ އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންތައްތަކުގައި މައުލޫމާތު އިވުނީމާ އެކަމަކަށް ފިޔަވަޅު އަޅަން ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައި“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެފައިވާ ސަރުކާރަކަށް ހެދުން ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލައެއް އެނގޭ ހިސާބުން، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު އެފަދަ ކަންކަން ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.




