ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިންދި ގަހުގެ އަދަދު 50،000 އަށްވުރެ އިތުރު ވެއްޖެއެވެ.
މި ޕްރޮގްރާމަކީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކުރެއްވި ޕްރޮގްރާމެކެވެ.
ސްޓެލްކޯ އިން މި ޕްރޮގްރާމުގެ ދަށުން ގަސް އިންދަން އެންމެ ފުރަތަމަ ފެށީ މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު، ކ. ތުލުސްދޫ ގައެވެ.
އެގޮތުން ސްޓެލްކޯއިން މިއަދު ބުނީ އެ ޕްރޮގްރާމްގެ ދަށުން އިއްޔެއާ ހަމައަށް އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ޖުމްލަ 52،334 ގަސް އިންދާފައިވާ ކަމަށެވެ.
އެ ކުންފުނިން އަމާޒުކޮށްފައިވަނީ ދައުރު ނިމުމުގެ 500،000 ގަސް އިންދުމަށެވެ. އެކަމަށްޓަކައި ސްޓެލްކޯގެ ހިދުމަތްދޭ ކޮންމެ ރަށެއްގައި ވެސް ގަސް އިންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވަނީ ގަސް އިންދުމުގެ ހަރަކާތުގައި އުޅޭ ސްޓެލްކޯގެ ސްޓާފުންނަށް ވަރަށް ބޮޑަށް މިއަދު ތައުރީފް ކުރައްވައިފައެވެ.
”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވީ އެވްރެޖްކޮށް ކޮންމެ މަހަކު 8340 ގަސް އިންދެމުންދާ ކަމަށާއި އެއާއެކު ޓާގެޓު ހާސިލުވާނެ ކަމަށެވެ.



