ސައުތު އޭޝިއާގެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ”ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް 2024“ ގައި މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބިއްޖެ އެވެ.
މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި އެ ޚަފްލާގައި އެމްޕީއެލްއަށް ލިބުނީ ”އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް“ އެވޯޑާއި ”އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޯމޭޝަން“ އެވޯޑް އެވެ. މިއީ ”އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޯމޭޝަން“ އެވޯޑު އެމްޕީއެލްއަށް ލިބުނު ފުރަތަމަ ފަހަރެވެ.
އެމްޕީއެލް އިން ބުނީ އެ އެވޯޑު އެ ކުންފުންޏަށް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ވިޔަފާރި ފުޅާކުުރުމާއި އާމްދަނީ އިތުރު ކުރުމަށް ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި މުޅިން އާ ދާއިރާއެެއްގެ ގޮތުގައި ސީޓުއެއަރ ކާގޯގެ ހިދުމަތް ފެށުމާއި އުތުރުގެ މެރިޓައިމް ސާވިސްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.
މީގެއިތުރުން ”އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް“ އެމްޕީއެލްއިން ލިބުނީ ކުންފުނީގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުތައް ދިނުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ފާހަގަކޮށްކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
އެމްޕީއެލްއިން ބުނީ އެ ދެ އެވޯޑްވެސް އެމްޕީއެލްއަށް ލިބިފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ގައުމެއްގެ ކުންފުނިތަކާ ވާދަކޮށްގެން ކަމަށެވެ.



