އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އިތުރު ދައުވާތަކެއް ބައްސާމާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކަކީ:
- ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ: އަމީން އެވެނިއު އިން އެޕާޓްމެންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށް އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަަށް ހިޔާނާތްތެރިވެފައި ވާތީ.
މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން
- މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ: އަމީން އެވެނިއުގެ ދެ އެޕާޓްމެންޓު ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް އެކަމުގެ ފައިސާ އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި ކުންފުނިތަކަށް ފޮނުވާ އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ފޮނުވާފައި ވާތީ.
މި ކުށުގެ އަދަބަކީ 100،000ރ. އާއި 1 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް 5-15 އަހަރަށް ޖަލަށްލުން
އެގޮތުން ދައުލަތުން އެދިފައިވަނީ މި ހިޔާނާތުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 1.2 މިލިއަން ޑޮލަރު ބައްސާމު އަތުން ނަގައިދިނުމަށާއި މަނީލޯންޑާ ކޮށްގެން ގަނެފައިވާ ދެ އެޕާޓުމެންޓު ވެސް ދައުލަތަށް ނަގައިދިނުމަށެވެ.




