އައިޖީއެމްއެޗް ތެރޭގައި އަޑުގަދަކޮށް، ފުލުހުންނަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓުން ނެރުނު އޭނާގެ ބަންދު އަމުރުގައި ތުހުމަތުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ އައިޖީއެމްއެޗް ތެރޭގައި އަޑުގަދަނުކުރުމަށް ފުލުހުން އޭނާއަށް ނަސޭހަތްތެރިވެފައި ވަނިކޮށް ހޮސްޕިޓަލަށް ގޮސް އަޑުގަދަކޮށް ހަޑިހުތުރު ބަހުން އެއްޗެހިކިޔާ އާންމުންނާ ދިމާލަށްވެސް އެ މީހާ ހަޑިއެއްޗެހި ކިޔާފައިވާ ކަމަށެވެ.
މީގެއިތުރުން އެ ސަރަހައްދުން ދިޔުމަށް ފުލުހުން އެންގުމުންވެސް ސަރަހައްދުން ނުގޮސް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެމީހާއަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދު ލޮގް އޮތް މީހެއްކަން ރިކޯޑުތަކުން ދައްކައެވެ.
އެގޮތުން އޭނާވަނީ މީގެކުރިން ވިލިމާލޭގެ މަގުތަކުގައި ވެސް މިފަދައިން އަޑުގަދަކޮށް، އޭނާގެ ކުރީގެ އަނބިމީހާ ދިރިއުޅޭ ގޭގެ ދޮރު ހަލާކުކޮށްލައި، ކުރީގެ އަނބިމީހާ މަސައްކަތް ކުރާ އޮފީހަށް ވެސް ގޮސް އެތައް ދުވަހަކު އަޑުގަދަ ކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާއަކީ ނަފްސާނީ ބައްޔަށް ކޮންމެވެސް ވަރަކަށް ބޭސްކުރާ ފަރާތަކަށްވުމުން، މި މައްސަލަތަކުގައި އޭނާއާމެދު މާބޮޑު ފިޔަވަޅެއް މީގެ ކުރިން އަޅާފައެއް ނުވެއެވެ.


