ސޯމާލިއާގެ 3 މީހުންނާއެކު، ފުވައްމުލަކު ސިޓީ ބޭރުން ޑިންގީއެއް ހިފަހައްޓާ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ ”ސްކިފް“ އެއް ކަމަށާއި އެ ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ތިން މީހަކު ތިބި ކަމަށް އެނގިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެމްއެންޑީއެފް އިން ވިދާޅުވީ މި ޑިންގީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ، ކަނޑުމަތިން ބެހިގެން ދިޔަ ބައެއް ކަމަށް ބެލެވޭ ބަޔަކު ފުވައްމުލަކަށް ގެނެސްފައިވާތީ ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.



