ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާޕަރސަން އަކަށް އާމިނަތު ނަމްޒާ އަދި މެނޭޖިންގް ޑިރެކްޓަރަކަށް އިބްރާހިމް ނަސްރީން މިއަދު އައްޔަނު ކޮށްފިއެވެ.
ނަމްޒާއާއި ނަސްރީން މި މަގާމުތަކަށް އައްޔަނު ކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.
ޕީއެސްއެމްގެ ހިންގަން ނަސްރީން އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ. އޭނާ ޕީއެސްއެމްއާ ގުޅިވަޑައިގެންނެވީ މީގެ 14 އަހަރު ކުރިންނެވެ. މި މުއްދަތުގައި ނަސްރީން ވަނީ އެތަނުގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.
ޓީވީ ޝޯތައް ހުށަހަޅައިދިނުމުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ނަމްޒާ ވެސް ވަނީ ދައުލަތުގެ މީޑިއާގައި އެތައް އަހަރެއް ވަންދެން އެގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެންމެ ފަހުން މްޒާ އަދާކުރައްވާފައިވަނީ ސިޓީސް, ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމެވެ. މި ސަރުކާރުގައި ނަމްޒާ ފުރަތަމަ އައްޔަންކުރެއްވީ ޖެންޑާ, ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ.



