ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖިންގް ޑިރެކްޓަރަކަށް މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އައްޔަނު ކޮށްފިއެވެ.
ނަޖާހް އެ މަގާމަށް އައްޔަނު ކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ މިއަދު އިއުލާނު ކޮށްފައެވެ.
ރިޓަޔަޑް ނަޖާހް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ކަމުގެ މަގާމަށް އައްޔަނު ކޮށްފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު މުއާޒް އެމަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިސްތިއުފާ ދެއްވިކަން ރައީސް ޑރ މުހައްމަދު މުއިއްޒަށާއި، ޕީސީބީ އަށް އަންގަވައި ފޮނުއްވި ސިޓީ ގައި މުއާޒު ވިދާޅުވީ އެ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާނީ އިހްލާސްތެރިކަމާއެކު ކަމަށެވެ.
ރައީސްއަށް ފޮނުއްވި އެ ސިޓީގައި މުއާޒް ވަނީ ފެނަކަގެ ހާލަތު ދަށްކޮށް ހުރިނަމަވެސް ފާއިތުވީ އަހަރާ އަޅާބަލާއިރު އެ ކުންފުނި ހިންގުން ހަރުދަނާ ކުރައްވާފައިވާކަން ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ފެނަކަ ހިންގުމުގެ ޚަރަދުން ސަލާމަތް ކުރެވިފައިވާކަން މުއާޒް ފާހަގަ ކުރައްވާފައިވެއެވެ.
މީގެއިތުރުން ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން މިހާރު އެކުންފުނި ވެއްޓިފައިވާ ހާލަތުން އެ ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެއެވެ. އަދި އެ ހާލަތުން ސަލާމަތްވެވޭނެ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާ ކުރެވިފައިވާނެ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެއެވެ.




