ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ރެއިޑު އޮޕަރޭޝަނެއް ހިންގައިފިއެވެ.
އެގޮތުން މި އޮޕަރޭޝަންގެ ދަށުން 26 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.
އިމިގްރޭޝަނުން މިމަހުގެ 21 ވަނަ ދުވަހުވެސް ވަނީ ހިޔާ ފްލެޓުތަކުގައި ހިންގާ ވިޔަފާރިތަކުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.
އެގޮތުން 08 ފިހާރައާއި، 04 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 01 ސެލޫން ބަލައި ފާސްކޮށްފައިވާ ކަމަށާއި މީގެތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 03 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ހިންގަމުންދާ އެ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.



