ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފައިނޭންސް ޑިޕާޓްމަންޓުން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެޗްޑީސީން 10 ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 5 ލެޕްޓޮޕް ވަގަށް ނަގާފައިވަނީ ފައިނޭންސް ޑިޕާޓްމަންޓުން ކަމަށް ވެސް ބުނެ ވަނީ ވާހަކަ ފެތުރިފައެވެ.
ނަމަވެސް އެޗްޑީސީގެ އޮފިޝަލަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލެޕްޓޮޕްތައް ވަގަށް ނަގާފައިވަނީ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ އޮފީސް މީގެ ތިން ދުވަސް ކުރިން ފަޅާލައި، އެ އޮފީހުގެ ޕްރޮޖެކްޓު ޑިޕާޓްމަންޓުން ކަމަށެވެ. އަދި ފައިނޭންސުން އެއްވެސް ލެޕްޓޮޕެއް ނުނަގާކަމަށް ވެސް ވިދާޅުވިއެވެ.
މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލެޕްޓޮޕް ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވޭ މީހާ ހުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ޖަލަށް ލާފައި ކަމަށާއި ނަމަވެސް ވަގަށް ނެގި ލެޕްޓޮޕްތައް އަދި ނުފެންނަ ކަމަށެވެ. ލެޕްޓޮޕްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




