ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށް ނެގި ފަސް ލެޕްޓޮޕް ރޭގައި ހޯދިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ އޮފީހުން ފަސް ލެޕްޓޮޕް ވަގަށް ނަގާފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އެގޮތުން ވަގަށް ނަގާފައިވަނީ އެ އޮފީހުގެ ޕްރޮޖެކްޓް ސެކްޝަނުގައި ހުރި ފަސް ލެޕްޓޮޕްކަމަށް އެޗްޑީސީން ވަނީ މައުލޫމާތު ދެއްވާފައެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރޭގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަގަށް ނެގި ފަސް ލެޕްޓޮޕް ވެސް މިހާރު ހޯދިފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
އެޗްޑީސީގެ ފައިނޭންސް ޑިޕާޓްމަންޓުގައި ހުރި ފަސް ލެޕްޓޮޕެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާގައި އަޑުތަކެއް ފެތުރިފައެވެ. ބިންވެރިޔާ ސްކީމް މައްސަލައާ ގުޅޭގޮތުން ތަހުގީގުތަކެއް ކުރެވެމުންދާ ދުވަސްކޮޅެއްގައި މިފަދަ އަޑުތަކެއް ފެތުރުން، ބައެއް ފަރާތްތަކުން ވަނީ މިހާދިސާއާ ގުޅޭގޮތުން ތުހުމަތުތަކެއް ކޮށްފައެވެ.
ނަމަވެސް ލެޕްޓޮޕްތައް ވަގަށް ނެގީ ފައިނޭންސް ސެކްޝަނުން ނޫންކަން އެޗްޑީސީން ވަނީ ”ސައުވީސް“ އަށް މައުލޫމާތު ދެއްވާފައެވެ. އަދި އެ ސެކްޝަނުން އެއްވެސް ލެޕްޓޮޕެއް ގެއްލިފައި ނުވާކަމުގެ ޔަގީންކަން ވެސް ދެއްވާ، ފެތުރެމުންދާ ވާހަކަތައް އެކުންފުނިން ރޭގައި ވަނީ ދޮގުކޮށްފައެވެ.




