މިއަހަރުގެ އެންމެ ފަހު ރީތި ތާރީޚު ކަމަށްވާ 24.12.24 (މިއަދު) މާލޭގައި 52 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
މިއީ 2024 ވަނަ އަހަރުކަމުން، މިއަހަރުގެ ކޮންމެ މަހެއްގެ ވެސް 24 ވަނަ ދުވަހު ގިނަ ކައިވެނިތަކެއް އާންމުކޮށް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި މިއަދުގެ ރަސްމީ ގަޑީގައި 16 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކުރަން ވަނީ ހަމަޖެހިފައެވެ.
މާލޭގައި އެކަނި މިއަދު 52 ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މިއަދު ކައިވެނިތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން މުޅި ރާއްޖެއަށް ބަލާއިރު މިއަދު ކައިވެނި ކުރާ އަދަދު 52 އަށްވުރެ ގިނަ ވާނެއެވެ.
އެއް ދުވަހެއްގައި މިހާ ގިނަ ކައިވެނި ކުރުމަކީ ފާހަގަކޮށްލެވޭ ކަމަކަށްވާއިރު، މާދަމާއާއި އޭގެ އަނެއް ދުވަހުވެސް ގިނަ ކައިވެނިތަކެއް ކުރުމަށް ވަނީ ހަމަޖެހިފައިވާކަން ފެމިލީކޯޓުން ބުނެފައިވެއެވެ.
ރީތި ތާރީޚުގައި ގިނަ އަދަދެއްގެ މީހުން ކައިވެނި ކުރާއިރު، މި ފެށޭ 2025 ވަނަ އަހަރު ހަފްތާ ބަންދު ދުވަސްތަކުގައި ވެސް ކައިވެނި ކޮށްދިނުމަށް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.




