ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ކަންޗަން ދުންގަލް (25އ.) ގެ މަރާއި ގުޅިގެން ކުރި ތަހުގީގުތަކުން، އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައި ނުވާކަމަށް މެޑިކޯ-ލީގަލް ރިޕޯޓުން ދައްކާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ކަންޗަން މަރުވެފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 9 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވީ އައިޖީއެމްގެ އެމަޖެންސީ ރޫމްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވީ ކަންޗަން އައިޖީއެމްއެޗަށް ގެންދިޔައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައި އޭނާގެ ޚަބަރުހުސްވިކަން ވެސް ފުލުހުން ފާހަގަ ކުރައްވާފައިވެއެވެ.
ކަންޗަންގެ މެޑިކޯ-ލީގަލް ރިޕޯޓުގައި ކަންޗަން މަރުވި ސަބަބު އެނގިފައި ނުވާކަމަށް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެ ރިޕޯޓުގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ކަންޗަން އަކީ ލޭމަދުވުމުގެ ސިއްހީ މައްސަލައެއް ހުރި މީހެއްކަން ވެސް ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.
ކަންޗަން ރާއްޖެއަށް ގެނައި ސްޕޮންސަރުން އޭނާގެ ހަށިގަނޑާ ހަވާލުވެފައި ނުވާތީ އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



