ޓެރަރިސްޓް ހަމަލާއެއް އިދިކޮޅު އެމްޑީޕީން ދޭން ރާވަމުންދާ ކަމަށް ބުނެ ޕީއެންސީ ހަރުގޭގައި ރޭގައި ބޭއްވި ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން މިއަދުން ފެށިގެން އޭނާ ސަސްޕެންޑްކޮށްފި އެވެ.
އެ ޖަލްސާގައި ނިހާދު ވަނީ ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
ސަރުކާރުގެ އިސްވެރިއަކަށް ހުންނަވައިގެން އެފަދަ ވާހަކައެއް ދެއްކެވީތީ ނިހާދު ސަސްޕެންޑު ކޮށްފައިވާ ކަމަށް، ސަރުކާރުގެ ފަރާތުން އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ނިހާދު ދެއްކެވި ވާހަކަތައް އެ ޕާޓީން ވެސް މިއަދު ވަނީ ދޮގޮކޮށް، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އަދި މިފަދަ ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީއާމެދު ކޮށްފައިވާ މި ތުހުމަތުތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.



