އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި އަމާޒު ހާސިލުވެއްޖެއެވެ.
އެގޮތުން ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހު އެވެ. މި އުފާވެރި ލަނުދަނޑި ހާސިލުވުމުން، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ ފަރާތުން މިހާރު އަންނަނީ ވަމުންނެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދާއިރާއަށްވާއިރު، މި އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އެތައް ގުނައެއް ކުރިއަށް ޖެހިލި، ކާމިޔާބު އަހަރަކަށެވެ.
އެގޮތުން ފާއިތުވީ 10 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 23 އާ ހަމައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވެސް މިއަހަރެވެ.
2013 އިން ފެށިގެން މިއަހަރާ ހަމައިގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޑިސެމްބަރު މަހުގެ 23 އާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،978،252 އަށް އަރާފައެވެ. މިދިޔަ އަހަރު ނިމުންއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،878،543 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް ދައްކުވައިދޭ އެއް ހެއްކަކީ، މިއަހަރު އެ ދާއިރާއިން ރާއްޖެ ޚާސިލުކުރި މުހިންމު އެވޯޑުތަކެވެ.
އެގޮތުން ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއިން މިއަހަރުވެސް ވަނީ ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން ކަމުގެ އެވޯޑު ހާސިލުކޮށްފައެވެ. ރާއްޖެއިން ވަނީ މި އެވޯޑު ޖެހިޖެހިގެން ފަސް އަހަރު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ވޯލްޑްސް ގްރީން ޑެސްޓިނޭޝަން އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ވެސް 7 އެވޯޑެއް ރާއްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ.



