ދުންފަތް މަނާ ކުރުމުގެ ޤާނޫނާ ޚިލާފުވެ، ވޭޕް ބޭނުން ކުރުމުގެ ކުށުގައި 22 ޑިސެމަބަރުގެ ނިޔަލަށް 9 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދުވަހުގެ ނިޔަލަށް، ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނާ ޚިލާފުވި 9 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެއީ ޖުމްލަ 50،000 ރުފިޔާ ކަމަށެވެ.
ޖޫރިމަނާ ކުރި 9 މީހުންގެ ތެރެއިން އެކަކު 10،000 ރުފިޔާ އިން ޖޫރިމަނާ ކުރި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމީހާ ޖޫރިމަނާ ކުރީ ސައިކަލު ދުއްވަމުން އިލެކްޓްރޯނިކް ސިގިރޭޓު ބޭނުން ކުރުމާ ގުޅިގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާނެ އަަދަދުތަކުގެ ތެރޭގައި:
° ވޭޕް ބޭނުންކޮށްފިނަމަ: 5000 ރ. ޖޫރިމަނާ
° ވޭޕް ވިއްކާ ކޮންމެ މީހަކު: 20،000 ރ. ޖޫރިމަނާ
° ވިއްކާ ކޮންމެ ވޭޕަކަށް: 10،000 ރ. ޖޫރިމަނާ
° ހިލޭ ވެސް ވޭޕެއް ދީފިނަމަ: 10،000 ރ. ޖޫރިމަނާ
އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.




