ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030″ މިއަދު ފާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދު ފާސްކުރެއްވި މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަޤްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މި ސްޓްރެޓަޖީ ތަސްދީޤުކުރުމުގެ ސަބަބުން ޤުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި މިފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމެވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީއެވެ.
މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާ ލުމުގެ ބޭނުމަކީ، 2030 އަންނަން ވާއިއިރަށް ޤައުމުތަކުގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯރކް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ 7 ލަނޑުދަނޑި ތަކުގެ ތެރެއިން ލަނޑުދަނޑި 5 ގައި ހިމަނައިފައިވާ ކަމެކެވެ. ޑިޒާސްޓަރ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯރކް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު ޖަޕާނުގެ ސެންޑައިގައި ބޭއްވި އ.ދ.ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ. އަދި ދިވެހިރާއްޖެއަކީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެންހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ޤައުމުތަކުގެތެރެއިން ޤައުމެއްކަމުން މިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެގޮތުން މި ސްޓްރެޓެޖީގެ އެއް އެނެކްސް ހާއްސަކުރެވިފައިވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވަރކްގެ ދަށުން މިހެދުނު ޑީއާރް އާރް ސްޓްރެޓެޖީ ގުޅުވައިގެން ދިވެހިރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެގޮތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.



