ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މިދިޔަ މަހުގެ 7 ވަނަ ދުވަހު މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި 12 މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އެމީހުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އަދި އެ މައްސަލައިގައި ހައްޔަރުގައި ތިބި މީހުން ކޯޓުން ދުކޮށްލާފައި ވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ:
1. އަލްމާން އަލީ ޚާލިދު (22އ.) / ގދ. ވާދޫ ވެހި
2. މުހައްމަދު އިޒްކާން (18އ.) / މ. ހަތިކަނޑު
3. އިޒާން މުޙައްމަދު (18އ.) / ކ. ގުރައިދޫ
4. އަހުމަދު ޒާހިދު (36އ.) / ށ. ފޯކައިދޫ ދަންމަރު
5. އާދަމް ހުސެއިން (48އ.) / ލ. މާވަށް ޖަމީލާމަންޒިލު
6. އިބްރާހިމް ނަޝީދު (34އ.) / ލ. އިސްދޫ ހިޔަލީގުލްޝަން
7. އަހުމަދު ސަމީހު (22އ.) / ބ. ގޮއިދޫ ނައިޓް ސްޓާރ
8. އިސްމާއިލް ވިޝާމް މުޙައްމަދު (29އ.) / ވ. ގާމާ
9. ވިޝާމް މުޙައްމަދު (23އ.) / ގދ. ވާދޫ ޗިޗަންޑާގެ
10. ވިސާން މުޙައްމަދު (30އ.) / ހުޅުމާލެ ހިޔާ 14-17-03
11. މުސްތާޤް ޝާކިރު (37އ.) / ގދ. ވާދޫ ޖަނަވަރީގެ
12. ހަސަން ގާލިބު (38އ.) / މ. ކޮޅުފުށި އާރެސް
ފިރިހެނަކު ރަހީނު ކުރު އެ އެޕާޓްމަންޓު ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތަރު އިންޗީގެ ވަޅިއެއް ފެނުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
މިމައްސަލައާ ގުޅިގެން މައުލޫމާތު ދެއްވަމުން ހުޅުމާލެ ސާވިސް ކްރައިމް އިންވެސްޓިގޭޝަންގެ، ސީރިއަސް އެންޑް ހައި އިމްޕެކްޓް ޔުނިޓުގެ ހެޑް، އިންސްޕެކްޓަރ އަލީ އިސްމާއިލް އެއިރު ވިދާޅުވީ އެ އެޕާޓްމަންޓަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ތަނެއްކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ރަހީނު ކޮށްފައި އިން މީހާ އިނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށާއި، އޭނާ ސަލާމަތް ކުރެވުނު އިރު އޭނާގެ ބޯ ބާލައި އިނގިލިތައް ބުރިކުރަން ތައްޔާރުވެގެން ތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާގެ ފޯނުވެސް އެމީހުން އަތުލައިގަތް ކަމަށް ފުލުހުން ވިދާޅުވިއެވެ.




