ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އިންޑިއާ ދެ ފިރިހެނަކު މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި އެ މީހުންގެ ލަގެޖުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވަނީ ފެނިފައެވެ. އެހެންވެ، އެއީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުވާ ދެ މީހުން ކަމަށް ނިންމައި، އެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ތަހުގީގު ބޭނުމަށް ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ފެނިފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗަކީ އެމީހުންގެ އެއްޗެހިތަކެއް ނޫން ކަމަށާއި ބަޔަކު ހަވާލުކުރި އެއްޗެހިތަކެއް ކަމަށް އެ ދެމީހުން ކޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް، މި މައްސަލައިގައި ފުލުހުން ހުށަހެޅި ހެކިތަކައް ބަލައި، ކޯޓުން ނިންމީ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށެވެ.
ކަސްޓަމްސް އިން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެއާޕޯޓުގައި މިފަދަ އެކި އޮޕަރޭޝަންތައް ހިންގަން ފަށާފައެވެ. އެގޮތުން ފާއިތުވީ އެއް އަހަރު ދުވަސް ތެރޭގައި ރާއްޖެއިން ބޭރުން މިފަދައިން އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ބަލައިފާސްކޮށް، އެފަދަ ތަކެތި އެތެރެކުރުން ހުއްޓުވައި، ކަސްޓަމްސް އިން ފިޔަވަޅު އަޅާފައިވެއެވެ.



