ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީ ގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމަވައިފިއެވެ.
މިމައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން ”ޕޮންޒީ“ ގެ ނަމުގައި އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
އެގޮތުން މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.
ދައުލަތުން އުފުލާފައިވާ މި މައްސަލައާ ގުޅިގެން އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ވެސް ކޮއްފައިވަނީ ޓެކުމުގެ ކުށުގެ 13 ދައުވާ އެކެވެ. އެ ދައުވާތައް މުރާޖާކޮށްދިނުމަށް މީގެ ކުރިން ވަނީ އެދިފައެވެ.
ޕީޖީ އޮފީހުން ރޭގައި ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންސްއިން ހިންގާފައިވާ އިންވެސްޓްމަންޓް ސްކީމާ ގުޅޭ މައްސަލައިގެ ދައުވާތައް މުރާޖައާކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ މުރާޖާކޮށް ބެލިއިރު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ލިބިފައިވާ ހެއްކާއި ގަރީނާއާއި، އިޖުރާއީ ގޮތުން އަމަލުކޮށްފައިވާ ގޮތާއި، ދައުވާ ލިބޭ މީހުންގެ ފަރާތުން މައްސަލަ މުރާޖައާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
އަދި މި މައްސަލައިގައި ހިމެނޭ ދައުވާތައް މުރާޖާކޮށް، އެ ދައުވާތަކަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނުވަތަ ހާލަތެއް އޮތްކަމަށް ނުފެންނަކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.



