ރާއްޖޭގައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
މާދަމާއަކީ ކްރިސްޓިއަނުން ފާހަގަކުރާ ”ކްރިސްމަސް“ ދުވަސް ކަމުގައިވާތީ، މިދުވަސްވަރަކީ ކޮންމެ އަހަރެއްގައި ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެދީނުގެ މީހުން ކުރާފަދަ ކަންކަން ކުރާކަން ފެންމަތިވާ ދުވަސްވަރެކެވެ. އެގޮތުން އާންމުކޮށް މިފަދަ އަމަލުތައް ހިންގާކަން ފާހަގަވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ކުދި ވިޔަފާރިތަކުގައިކަން ވެސް ފާހަގަވެއެވެ.
އެހެންކަމުން ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް، ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން ކްރިސްމަސްއާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ހަނދާންކޮށްދީފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާ ހުރިހާ ރަށެއްގެ ކައުންސިލަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މީހުންނަށް އިރުޝާދު ދޭން ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކާއި ސަޤާފަތްތަކާ ގުޅޭގޮތުން އެފަދަ ބިދޭސީންނާއި ފަތުރުވެރިންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަތަކުގެ ޒިންމާއެއްކަން މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.
އެގޮތުން ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެ ކަހަލަ ދީނީ ހަރަކާތެއް ހިންގުން އަދި އެ މީހުންގެ އެ ކަހަލަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.



