ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އޭނާގެ އަނބިމީހާ އާމިނަތު ޒާރާއަށް އަނިޔާކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް، ޒާރާ ދޮގުކޮށްފިއެވެ.
ސިޔާމް މަސްތުގެ ހާލަތުގައި ހުރެ ޒާރާއަށް ރޭގައި އަނިޔާކުރި ކަމަށާއި އެކަމުގެ ސަބަބުން ޒާރާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ވަނީ ވާހަކަތަކެއް ފެތުރިފައެވެ.
އެވާހަކަތަކަށް ކޮމެންޓުކުރި މަދު ބަޔަކު އެއީ ދޮގެއް ކަމުގައި ބުނެފައިވާއިރު ބައެއް މީހުން ވަނީ އެއީ ތެދު ވާހަކަތަކެއް ކަމަށާއި އެއީ ޒާރާ ރަނގަޅަށް ނުވިސްނާ، ސިޔާމްއާ ކައިވެނި ކުރަން ނިންމި ނިންމުމުގެ ސަބަބުންވީ ކަމެއް ކަމަށް ވެސް ބުނެފައެވެ.
ނަމަވެސް އެފަދަ އަޑުތަކަށް ރައްދު ދެމުން ޒާރާ މިއަދު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ ރަނގަޅަށް މީހުން ނޭނގޭއިރު، މީހުންނާ ބެހޭގޮތުން ވާހަކަތައް ފަތުރާ، ކަންކަމުގައި އަމިއްލަ ގޮތް ނުނިންމުމަށެވެ.
”އަހަރެންގެ ފިރިމީހާއާއަކީ އެއްވެސް މީހަކަށް، ޚާއްސަކޮށް އެއްވެސް އަންހެނަކަށް އަނިޔާ ކުރާނެ މީހެއް ނޫން. އޭނާއަކީ އޭނާގެ މަންމަ ދެކެ އިންތިހާއަށް ލޯބިވާ މީހެއް، އޭގެން ވެސް އޭނާއަކީ ކޮންކަހަލަ މީހެއްކަން ސާފުކޮށް ބަޔާންކޮށްދޭ. އޭނާއަކީ ބުރަކޮށް މަސައްކަތްކުރާ ހިތްވަރުގަދަ މީހެއް. އެއީ އޭނަގެ ކިބައިން ފާހަގަ ކުރަންޖެހޭ ކަންކަން“ ޒާރާ ބުނެފައިވެއެވެ.
ޒާރާ ބުނީ ސިޔާމްގެ އަބުރާ ބެހޭގޮތުން މީހުންނަށް ޖޯކު ޖެހިދާނެ ކަމަށާއި އެކަމަކު އެއީ އެއްވެސް މީހަކަށް އޭނާގެ ފަރާތުން އަތުލެވޭނެ އެއްޗެއް ނޫން ކަމަށެވެ.
މީގެއިތުރުން ޒާރާ އެދިފައިވަނީ ސިޔާމް އާބެހޭގޮތުން އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށާއި ސިޔާމްއަކީ އެފަދަ މީހެއް ނޫން ކަމަށެވެ.
ސިޔާމް ދެކެ ބަޔަކު ކިތަންމެ ނަފްރަތު ކުރިޔަސް ޒާރާ އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.




