ރާއްޖޭގައި ހާލުގައި ޖެހިފައިތިބި އިންޑިއާ މަސައްކަތްތެރިންގެ މުސާރަ ހޯދައިދޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންޑިއާގެ މަސައްކަތްތެރިންތަކެއް މުސާރަ ނުލިބި، ރާއްޖޭގައި ހާލުގައި ޖެހިފައިތިބިކަމުގެ މައްސަލައެއް ފެންމަތިވެފައި މިވަނީ، ސޯޝަލް މީޑިއާގައި އިއްޔެ އެމީހުން އާންމުކުރި ވީޑިއޯއަކަށް ފަހުގައެވެ. އެ ވީޑިއޯ އާންމު ކުރުމުން އިންޑިއާގެ ބައެއް ނޫންތަކުގައި ވަނީ އެ ޚަބަރު ޝާއިޢު ކޮށްފައެވެ.
ކޮންސްޓްރަކްޝަން ކުންފުންޏަކުން ވަޒީފާދީގެން ގެނައީ މުސާރާއިގެ ގޮތުން މަހަކު 25،000 އާއި 30،000 އިންޑިއަން ރުޕީސް މުސާރައިގެ ގޮތުގައި ދޭނެ ކަމަށް ބުނެފައި ކަމަށް އެ މަސައްކަތްތެރިން ބުނެފައިވެއެވެ. އެއީ ރާއްޖޭގެ 5000 އެއްހާ ރުފިޔާއެވެ.
އެމީހުން ރާއްޖެއަށް މަސައްކަތް ކުރަން އައީ ޖޫން މަހު ކަމަށާއި ނަމަވެސް އޭގެ ފަހުން މުސާރަ ނުލިބޭތާ އެތައް ދުވަހެއްވެއްޖެ ކަމަށް އެމީހުން ވަނީ ވީޑިއޯގައި ބުނެފައެވެ.
އެގޮތުން އެމީހުން މުސާރަ އެއްކޮށް ލިބިފައިވަނީ އެންމެ މަހަކު ކަމަށާއި އޭގެ ފަހުން ލިބިފައިވަނީ ދެބައިކުޅަ އެއްބައި ކަމަށް ވެސް ބުނެފައިވެއެވެ.
އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރާ ހަވާލާދީ ހައިކޮމިޝަނުން ބުނީ މުސާރަ ނުލިބިގެން މުޒާހަރާކުރި މަސައްކަތްތެރިންގެ ތެރޭގައި ހިމެނެނީ އޮޑިޝާ ސްޓޭޓުގެ 35 މީހުންނާއި ޓެމިލްނާޑޫގެ 4 މީހެކެވެ. އެ މީހުން މަސައްކަތް ކުރަނީ އައްޑޫ ގަމުގެ އެއާޕޯޓް ޕްރޮޖެކްޓުގެ މަސައްކަތްކަން އެނގިފައިވެއެވެ.
ހައި ކޮމިޝަނުން މިއަދު ބުނި ގޮތުގައި އެ މަސައްކަތްތެރިން ވަނީ މި މަހުގެ 5 ވަނަ ދުވަހު ކުންފުނީގެ ވަޒީފާއިން ވަކި ވެފަ އެވެ. ނަމަވެސް ކުންފުނީގެ ނަމެއް ނުބުނެ އެވެ.
ކުރިއަށްއޮތް ތިން ދުވަހުގެ ތެރޭގައި އެ މަސައްކަތްތެރިންނަށް ނުދީ އޮތް މުސާރަ ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.



