ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުން ބަލައިނުގަތުމަށް ނިންމި ނަމަވެސް އަލުން އެ މައްސަލަ ހުށަހެޅުމަށް އެ ކޯޓުން ހުއްދަ ދީފި އެވެ.
ޖިހާދުގެ މައްޗަށް ދައުވާކުރަން ހުށަހެޅީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓްއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖޮއިންޓްވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު ސޮއިކުރި މައްސަލައެއްގަ އެވެ.
އެ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ ސަރުކާރަށް 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށެވެ. އެހެންނަމަވެސް އޭރު ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާ ދީފައިވަނީ ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަން ޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ފޮނުވި އެވެ. އެހެންނަމަވެސް އެ މައްސަލަ ބެލެން ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ އެއިރު ވަނީ ބޭރުކޮށްލާފައެވެ.
އެހެންކަމުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ.


