މިހާރު ފެންމަތިވެފައިވާ ބިންވެރިޔާ ސްކީމް މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ހައުސިންގް ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު، އެ މިނިސްޓްރީގެ މުވައްޒަފުން ކައިރިން އެދިލައްވައިފިއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށާފައެވެ.
މި މައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން 9 މުވައްޒަފަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސަސްޕެންޑްކޮށްފައެވެ.
ބިންވެރިޔާ“ ސްކީމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް އެއްބާރުލުން ދިނުމަށް މިނިސްޓަރު ހައިދަރު އެދިވަޑައިގެންފައި ވަނީ މުވައްޒަފުންނަށް މިއަދު ފޮނުއްވި އިންޓާނަލް މެމޯއެއްގަ އެވެ.
އެ މެމޯއާ ގުޅޭގޮތުން އޮންލައިން ނޫސް ”ދެން“ އަށް މައުލޫމާތު ދެއްވަމުން ހައިދަރު ވިދާޅުވީ އެއީ ކޮންމެހެން ނެރެން ޖެހިގެން ނެރުނު މެމޯއެއް ކަމަށާއި އެ މެމޯ ނެރެފައި ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް އެދި ކަމަށެވެ.




