ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 5،000 ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވިއްޖެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.
ލޯކަލް މާރުކޭޓު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕްރޭޝަނަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަމްޢާން ވިދާޅުވީ މިހާތަނަށް 5،000 ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވިއްޖެކަމަށާއި އަމާޒަކީ އަންނަ އަހަރު މިއަދަދު ދެގުނަ ކުރުން ކަމަށެވެ.
ޝަމްޢާން ވިދާޅުވީ ”އިމިޤްރޭޝަން ވޮޗް“ އަށް ބިދޭސީންނާއި ގުޅޭ ގިނަ ޝަކުވާތަކެއް ލިބިފައިވާތީ، އެ ޝަކުވާތަކަށް ބަލާ ފާހަގަކުރެވޭ ސަރަހައްދުތައް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ލޯކަލް މާރުކޭޓު ސަރަހައްދަކީ ގިނަ ބިދޭސީންތަކެއް ހަރަކާތްތެރިވާ ސަރަހައްދަކަށްވާއިރު މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ރެއިޑު އޮޕްރޭޝަންތަކަކީވެސް އިމިޤްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެން ކުރިއަށް ގެންދާ އޮޕްރޭޝަންތަކެއް ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.
”މަސައްކަތްތައް ފެށުނު އިރު ކޮންމެވެސް ވަރަކަށް ސްލޯ ކަމެއް ހުރިނަމަވެސް ފަހުން ބޭނުންވާ ސްޕީޑްގައި މަސައްކަތްތައް ކުރިއަތް ގެންދެވުނު، އަންނަ އަހަރު މިއަށް ވުރެއްވެސް ބޮޑަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އަވަސްވެސް ކުރެވޭނެ“ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވިއެވެ.
މީގެއިތުރުން ޝަމްޢާން ވިދާޅުވީ މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކުރަނީ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލުތަކެއް ހޯދުމަށް ކަމަށެވެ.



