ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަމަނުޖެހުންތަކެއް ހިނގައިގެން ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށައެޅީ މިއަދު މެންދުރުފަހު 3:15 ހާއިރު ކަމަށެވެ.
މި މައްސަަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދިއެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީސްމިޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ފިރިހެނުންތަކެއްގެ މެދުގަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ޝްރީ ލަންކާ ބައެކެވެ.
އެ މައްސަލަ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު، މައްސަލައިގައި މީހަކަށް އަނިޔާއެއް ލިބުނުކަމެއް ވެސް އަދިއެއް އެނގިފައެއް ނުވެއެވެ.


