ބިންވެރިޔާ ސްކީމް މައްސަލައިގެ ތަހުގީގަށް، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދުގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފިއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިމަހުގެ 19 ވަނަ ދުވަހު ފައްޓަވާފައެވެ.
މިމައްސަލައާ ގުޅިގެން ފަޒީލްގެ އިތުރުން އޭނާގެ ކޮއްކޮެ އަދި އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެދެމީހުން ވެސް އަދާ ކުރަމުންދިޔަ މަގާމުތަކުން ސަސްޕެންޑު ކޮށްފައިވަނިކޮށް ފަޒުލް ވަނީ މިމަހުގެ 21 ވަނަ ދުވަހު އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މިމައްސަލައާ ގުޅިގެން ފަޒުލްއާއި ފަޒީލްވެސް ފުރުން މަނާކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ފަޒީލްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.



