މީގެ 20 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑަށް ސުނާމީ އަރާ އޭގެ އަސަރު ރާއްޖެއަށް ވެސް ކުރި ކާރިސާ އަކީ އެދުވަހުން ފެށިގެން މިއަދާ ޖެހެންދެން ވެސް އެތައް ބަޔަކު އަބަދުމެ ހަނދާން ކުރާނެ ކާރިސާއެކެވެ.
އަދުގެ ޒުވާން ކުދިންނަށް މިދުވަހުގެ ވާހަކަތައް ހަމައެކަނި ޚަބަރުތަކުންނާއި މީހުންގެ ތުންތުންމަތިން އިވުނުނަމަވެސް، އެދުވަހު އެރި އެ ނާމާން ބިޔަ ރާޅުތަކުގެ ބިރުވެރިކަމަކީ އެދުވަހު މި ކާރިސާ ތަޖުރިބާ ކުރަން ޖެހުނު މީހުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ.
އެދުވަހު ހެނދުނު 9:23 ހާއިރު ބިންދާލި އެބޮޑު ރާޅުގެ އަސަރު އެތައް ބައެއްގެ ހިތްތަކުގައި އަދިވެސް ބިންވަޅު ނެގިފައިވާއިރު، އެކާރިސާ ގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ބަދަލުވެގެން ވެސް ދިޔައެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި އެދުވަހު އެރި ސުނާމީ ގެ އަސަރު ރާއްޖޭގެ 9 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް ކުރިއެވެ.

ސުނާމީ ކާރިސާ ގައި ރާއްޖެއިން 82 މީހުން ނިޔާވެފައިވާއިރު، 24 މީހުން ގެއްލިގެން ރިޕޯޓު ކޮށްފައިވެއެވެ. ގެއްލުނު މީހުން ފެނިފައި ނުވާތީ އެމީހުން ވެސް ފަހުން ރިޕޯޓު ކޮށްފައިވަނީ މިކާރިސާގައި ނިޔާވި ކަމަށެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި މި ކާރިސާ ހިނގި ދުވަހުގެ ކުރީކޮޅު، ރާއްޖޭގެ ވެރިރަށް މާލޭގެ ތިން ބައިކުޅަ ދެ ބައި ފެން ބޮޑު ވެފައިވެއެވެ. އޭގެ އިތުރުން ބައެއް ރަށްތަކާއި ރިސޯޓުތަކަށް ވެސް ސުނާމީގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ.
މިކާރިސާއިން ލިބުނު ގެއްލުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ގެއްލުން ލިބުނު ރަށްތަކަށާއި އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ޓާސްކް ފޯހެއް އެއިރުގެ ސަރުކާރުން އުފެއްދެވިއެވެ.

ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 460 މިލިއަން ޑޮލަރާ ގާތް ކުރާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިކާރިސާއިން ލިބުނު ގެއްލުމުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްތަކުގެ 21،663 މީހުން ވަނީ އެމީހުން ދިރިއުޅޭ ރަށް ނޫން އެހެން ރަށްތަކަށް ބަދަލު ކޮށްފައެވެ. އެގޮތުން 14 ރަށަކުން މީހުން މުޅިން އެއްކޮށް ހުސްކޮށްފައި ވެސް ވެއެވެ.
ސުނާމީ ކާރިސާ ގެ ސަބަބުން ލިބުނު ބައެއް ގެއްލުންތައް:
ރިޕޯޓުތަކަށް ބަލާއިރު، ސުނާމީ ކާރިސާ ގެ ސަބަބުން 14 ރަށަކުން އެއްކޮށް މީހުން ހުސްކުރަން ޖެހުނުއިރު 70 ރަށަކަށް ފެނާއި ކަރަންޓުގެ ޚިދުމަތްތައް ލިބުމުގައި ދަތިތަކަކާއި ކުރިމަތިވިއެވެ. އެގޮތުން 79 ރަށަކުން ސާފު ބޯފެން ނުލިބުމާއި 26 ރަށަކަށް ކަރަންޓުގެ ޚިދުމަތް ނުލިބުމުގެ އިތުރުން 24 ރަށަކުން ފޯނުގެ ޚިދުމަތްކެނޑި ހަތަރު ރަށަކުން މުއާސަލާތީ ހުރިހާ ޚިދުމަތެއް ކެނޑިފައިވެއެވެ.
ޖުމްލެ 20 ރަށެއްގެ މުޅި އިންފްރާސްޓްރަކްޗަރަށް އެއްކޮށް ވަނީ މިކާރިސާގެ ސަބަބުން އަސަރު ކޮށްފައެވެ. އޭގެ ތެރޭގައި އެރަށްތަކުގެ ބަނދަރާއި، ޖެޓީތަކުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.
ރިޕޯޓުތަކުން އެނގޭ ގޮތުން 12،000 އަށްވުރެ ގިނަ މީހުންނަށް ސުނާމީ ކާރިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލުނެވެ.
މީގެއިތުރުން ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވެސް އެދުވަސްވަރު ބޭނުން ނުކުރެވެއެވެ. ސަރުކާރުގެ ބައެއް އޮފިޝަލުން އެއިރު މައުލޫމާތު ދީފައިވާ ގޮތުގައި ކަނޑުގެ ލޮނުގަނޑަށްވުރެ ހުޅުލެ އުހީ ގާތްގަނޑަކަށް ހަތަރު ފޫޓެވެ. އަދި އެދުވަހު ހުޅުލެއަށް ބިންދާލި ރާޅުގެ އުސްމިނުގައި ވެސް ހަތަރު ފޫޓު ހުރުމުން ހުޅުލެއަށް ވެސް ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިވި ކަމަށް ބުނެފައި ވެއެވެ.

ސުނާމީ ކާރިސާގައި ނިޔާވި/ގެއްލުނު މީހުންގެ ތަފާސް ހިސާބު:
- ޖުމްލަ އަދަދު 108
- ނިޔާވި މީހުންގެ އަދަދު 82
- ގެއްލުނު މީހުންގެ އަދަދު 26
- ނިޔާވި އަންހެނުންގެ އަދަދު 38
- ނިޔާވި ފިރިހެނުންގެ އަދަދު 43
- ގެއްލުނު އަންހެނުންގެ އަދަދު 09
- ގެއްލުނު ފިރިހެނުންގެ އަދަދު 08
މި ކާރިސާގައި ރާއްޖެއިން ގެއްލުން ލިބުނު ރަށްތައް
ގެއްލުން ލިބުނު ރަށްތަކަށް ބަލާއިރު ތ. ވިލުފުށީގެ އާއިލާތަކަށް ސުނާމީ ކާރިސާއިން ލިބުނު ގެއްލުމުގެ ސަބަބުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް ވިލުފުށީ ކައުންސިލުގެ ކުރީގެ ރައީސް އިބްރާހިމް ޝާފިޢު 2016 ވަނަ އަހަރު ވިދާޅުވެފައި ވަނީ، އެރަށުގައި ސުނާމީ ކާރިސާއިން ގެއްލުން ލިބުނު 40 އަށްވުރެ ގިނަ އާއިލާއަށް ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން އެއިރުވެސް ނުލިބި ތިބި ކަމަށެވެ. ތ. ވިލުފުށްޓަކީ ސުނާމީ ކާރިސާ ގައި އެއްކޮށް ގެއްލުން ލިބުނު ރަށްތަކަށް ބަލާއިރު އޭގެ ތެރެއިން އެއް ރަށެވެ. އަދި އެރަށުގައި އެއިރު ދިރިއުޅުނު 1،900 ރައްޔިތުން ވަނީ އެއަތޮޅު ބުރުންޏަށް ބަދަލު ކޮށްފައެވެ. ވިލުފުށްޓަށް އަނބުރާ އެރަށުގެ ރައްޔިތުން ބަދަލުވީ 2009 އަހަރުގެ އޯގަސްޓު މަހު ބްރިޓިޝް ރެޑް ކްރޮސް އިން 250 ގެ އިމާރާތް ކޮށްދިން ފަހުންނެވެ.
މީގެއިތުރުން ސުނާމީ ކާރިސާ ގެ ސަބަބުން މ. މަޑިފުށި، ރ. ކަނދޮޅުދޫ އަދި ދ. ގެމެންދޫ އިން ވެސް މީހުން ވަނީ ހުސްކޮށްފައެވެ. މިތިން ރަށްތަކުގެ މީހުން ބަދަލު ކޮށްފައިވަނީ އދ. މާމިގިއްޔަށާއި ރ. ދުވާފަރު އަދި ދ. ކުޑަހުވަދޫ އަށެވެ.
ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، އެރަށުގެ ދޮންކެޔޮ ގަސްތަކާއި ރުއްތަކާއި ކުޅިތައް ވަނީ ސުނާމީ ކާރިސާގެ ސަބަބުން ހަލާކުވެފައެވެ އޭގެ އިތުރުން އެރަށުގެ ބައެއް ގެތައް ވެސް ހަލާކުވެފައިވާއިރު ކޮޅުފުށީގައި ހުރި 100 އަހަރުވީ މިސްކިތެއް ވެސް ސުނާމީ ކާރިސާގެ ސަބަބުން ވަނީ ހަލާކުވެ ބިމާއި ހަމަވެފައެވެ.
”ނިއު ޔޯކް ޓައިމްސް“ އަށް އެރަށުގެ ރައްޔިތަކު ، އެދުވަހު ހިނގައިދިޔަ ކަންތައް ސިފަ ކުރަމުން ބުނީ އޭނާ ހީކުރީ އެދުވަހު މުޅި ރަށް އެއްކޮށް ގިރިގެން ދާނެ ކަމަށާއި ރާޅު އަރައިގެން އެއަށްވުރެ ގިނަ ވަގުތުވީ ނަމަވެސް ރަށުގެ ބާކީ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށެވެ.
”އަހަންނަށް ފެނުނު މީހުން ރާޅުގެތެރެއަށް އޮޔާ ދެމިގެން ދިޔަތަން. އަހަރެން ހުރީ ރުކެއްގައި ބާރަށް ހިފަހައްޓައިގެން.“ އޭނާ ބުންޏެވެ. ސުނާމީ ކާރިސާގައި ކޮޅުފުށިން 16 މީހަކު ނިޔާވިއެވެ. އޭގެ ތެރޭގައި ގިނައީ 11 އަހަރުން ދަށުގެ ކުޑަކުދިންނާއި 60 އަހަރުން މަތީގެ މީހުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. އެރަށުގައި އެއިރު ހުރި 174 ގެއެއްގެ ތެރެއިން ފަސް ގެއެއް ފިޔަވާ ހުރިހާ ގެއެއް ވަނީ ހަލާކުވެފައެވެ.

ސުނާމީ ކާރިސާއަށް ފަހު އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ރ. ކަނދޮޅުދޫ އެވެ. އެގޮތުން މި ކާރިސާއަށްފަހު އެރަށަށް ވަނީ ”ގޯސްޓް އައިލެންޑް“ ގެ ނަން ދީފައެވެ. ސަބަބަކީ މިކާރިސާގެ ސަބަބުން އެރަށް އެއްކޮށް ހަލާކުވެގެން ދިޔުމެވެ. ގެތައް ހަލާކުވެ، މުއާސަލާތީ ޚިދުމަތްތައް ކެނޑި، ވަޅުތަކުގެ ފެން ވެސް ލޮނުވިއެވެ. ބައެއް މީހުން ބުނި ގޮތުގައި ކަނދޮޅުދޫ އަށް އެރި ރާޅުގެ އުސްމިން ތިން މީޓަރަށްވުރެ އުހެވެ. ސުނާމީ ކާރިސާގެ ސަބަބުން އެރަށުން ތިން މީހަކު ނިޔާވިއިރު 50 މީހަކަށް ވަނީ އަނިޔާވެފައެވެ. އެރަށުގެ 3،500 ރައްޔިތުން މިކާރިސާގެ ސަބަބުން ވަނީ އެހެން ރަށްތަކަށް ބަދަލު ކޮށްފައެވެ.
ސުނާމީ ކާރިސާގައި ނިޔާވި މީހުން ނިސްބަތްވާ ރަށްރަށް:
- ތ. ވިލުފުށި 18 މީހުން
- މ. ކޮޅުފުށި 16 މީހުން
- ދ. ގެމެންދޫ 08 މީހުން
- ލ. މުންޑޫ 07 މީހުން
- މ. މަޑުއްވަރީން 06 މީހުން
- ލ. އިސްދޫކަލައިދޫ 06 މީހުން
- މ. މުލި 06 މީހުން
- ލ. ފޮނަދޫ 04 މީހުން
- ކ. ގުރައިދޫ 04 މީހުން
- ރ. ކަނދޮޅުދޫ 03 މީހުން
- ލ. ކަޅައިދޫ 03 މީހުން
- ލ. މާބައިދޫ 03 މީހުން
- ދ. ރިނބުދޫ 02 މީހުން
- ލ. ދަނބިދޫ 02 މީހުން
- މ. މަޑިފުށި 02 މީހުން
- ގދ. ވާދޫ 02 މީހުން
- ވެލާވަރު ރިސޯޓް 02 މީހުން
- ހދ. ނާވައިދޫ 01
- ށ. ކޮމަންޑޫ 01
- ކ. ގުޅި 01
- އދ. ވައިޓް ސޭންޑް 01
- ވ. ތިނަދޫ 01
- މ. ދިއްގަރު 01
- މ. ނާލާފުށި 01
- މ. މުލަށް 01
- ހަކުރާ ކުލަބް 01
- ދ. ވާނީ 01
- ތ. މަޑިފުށި 01
- ގއ. ދާންދޫ 01
- ގއ. ވިލިގިލި 01
- ފުވައްމުލައް 01
ސުނާމީ ކާރިސާގެ ސަބަބުން ސަރުކާރުންނާއި އާއްމު ރައްޔިތުން ވެސް ދެއްކި އެއްބާރުލުމާއި ދެއްވި އެހީތެރިކަމުގެ ސަބަބުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ”ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް“ގެ ގޮތުގައެވެ.
މަސްދަރުތައް:
ރިލީފްވެބްގެ ރިޕޯޓް
ފެކްޓްސް އެންޑް ޑިޓެއިލްގެ ރިޕޯޓް
ހަވީރުވީޑިއޯސް (ޔޫޓިއުބް)



